Aanmu

ތަރައްގީއަށް ބޭނުންވާ އެހީ ހޯދަން ނޭނގޭ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެއްޖެ: ޝާހިދު

ޝަފްރާޒް ނައީމް
Featured image

ގައުމުގެ ތަރައްގީއަށް ބޭނުންވާ ބޭރުގެ އެހީގެ ކަންކަން ހިނގާ މަގު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެ ބައިނަލްއަގުވާމީ މައިދާނުން ރާއްޖެއަށް ލިބެންޖެހޭ އެހީތެރިކަން ހުއްޓިފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ކ. ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގައުމު އިނދަޖެހި، ރައްޔިތުންގެ ދިރިއުޅުން ހަލާކުވެފައިވާ ކަމަށާއި، މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން މިއަދު "ނޫނެކޭ" ބުނަމުންދާ ކަމަށެވެ.‏

އިންޑިއާއިން ދިން 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ވާހަކަ ސަރުކާރުން ތަކުރާރުކޮށް ދައްކަމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އެއީ 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހޯއްދެވި 200 މިލިއަން ޑޮލަރުގެ ލުއި ލޯނުގެ ބައެއް ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓް ދައްކައިދެނީ އިންޑިއާ ސަރުކާރުން ކަމަށްވާއިރު، އެކަން ވެސް މި ސަރުކާރަށް ނޭނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާއި، އެ ގައުމުގެ ބޮޑުވަޒީރަށް އަމާޒުކޮށް ހިންގި ދަށު ދަރަޖައިގެ އަމަލުތަކަކީ ޚާރިޖީ ގުޅުންތަކަށް ގެއްލުންދިން ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.‏

ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ސުމަކަށް ގޮސްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު ވިދާޅުވީ، އެމްޑީޕީ އަލުން ވެރިކަމަށް އައިސް ރާއްޖޭގެ އަގު ބައިނަލްއަގުވާމީ މައިދާނުގައި އަލުން އިއާދަކޮށްދޭނެ ކަމަށެވެ. އަދި ބޭރުގެ ގައުމުތަކާ އޮތް ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އާއި މާލީ އެހީތެރިކަން އަލުން ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.‏

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...