ޑިޖިޓަލް ވޯޓިން ނިޒާމު ބޭނުންކޮށްގެން ރައީސް މުއިއްޒު ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައި ކޮންގްރެސް ވަގަށް ނަގައިފި: ކޮންގްރެސްގެ ބައިވެރިން

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކޮންގްރެސްގައި ބޭނުންކުރި ޑިޖިޓަލް ވޯޓިން ނިޒާމުގެ ސައްހަކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދި، އެ ނިޒާމު މެދުވެރިކޮށް ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިވެއްޖެ އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވޯޓުލުމަށް ބޭނުންކުރި ޑިޖިޓަލް ސިސްޓަމްގެ ބެކްއެންޑް މެދުވެރިކޮށް ނަތީޖާއަށް ނުފޫޒު ފޯރުވާފައިވާއިރު، ހޯލުގެ ކުރީ ސަފުގައި ތިބި ބައެއް މެންބަރުން ސިސްޓަމަށް ލޮގިން ވުމުގެ ކުރިން ވެސް އެ މީހުން ވަކި ފަރާތަކަށް ވޯޓު ދީފައިވާ ކަމަށް ސިސްޓަމުން ދައްކާފައިވެ އެވެ.
މި ހީލަތްތެރި އަމަލު ފަޅާއަރައި، ކޮންގްރެސްގެ ހޯލުތެރެ ވަނީ ހަލަބޮލިވެފަ އެވެ. ނުރުހުން ފާޅުކޮށް މެންބަރުން އަޑުގަދަކުރުމާ ގުޅިގެން ކޮންގްރެސްގެ ތެރޭގައި ހަމަނުޖެހުން ހިނގާފައިވާއިރު، ޑިޖިޓަލް ނިޒާމުގެ ތެރެއިން ވޯޓުގެ ނަތީޖާ އަށް ނުފޫޒު ފޯރުވި ކަމުގެ އަޑުތަކާއެކު ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ސަރުކާރުގެ އިސް ބޭފުޅުން ރާއްޖޭގައި ބާއްވާ އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ކަމެއް ހިނގުމަކީ އިދިކޮޅު ފަރާތްތަކުން އެކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން އަންނަ ކަމެކެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުތަކާއި އެހެނިހެން އިންތިޚާބުތައް އޮޅުވާލުމަށްޓަކައި މި ސަރުކާރުން ރާވަމުން އަންނަ ހީލަތްތެރި ރޭވުމެއް ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...