އެމްޑީޕީގެ ހަރަކާތްތައް މަޑުޖެހިފައިވަނީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅުންގެ ވާހަކަ ދެކެވެމުންދާތީ: ދޮންބިލެތް

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވާނެ ކަމަށް އިޝާރާތް ކުރެއްވުމުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދި، ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައިވާ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދު ފެނިގެން ދިޔައީ ރިޔާސީ އިންތިހާބެއްގެ ފޯރީގައި ކަމަށާއި، އާންމު މެންބަރުން ތިބީ އެމަނިކުފާނާއެކު އާ ފެށުމަކުން ފަށަން ތައްޔާރަށް ކަމަށެވެ. ނަމަވެސް، އިންތިހާބަށްފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއެކު މެންބަރުންގެ ފޯރި ކެނޑި، ޕާޓީގެ ހަރަކާތްތަކުން ދުރުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންނަށް ވުރެ ބޮޑަށް، އާންމު ރައްޔިތުން އަދިވެސް ސުވާލުކުރަމުން ދަނީ ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ކަމަށް އަހުމަދު ހަލީމް ވިދާޅުވި އެވެ. ޕާޓީގެ އެތެރޭގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސަރުކާރުން އެކި ގޮތްގޮތުން ޕާޓީގެ މަސައްކަތްތަކަށް ހުރަސް އަޅައި، ދަތިތައް ކުރިމަތިކުރަމުން ދިޔަ ނަމަވެސް، ވަރަށް އަވަހަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...