ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ނުލިބޭނެ: ދޮންބިލެތް

ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް އެ ޕާޓީން ނެގި ވޯޓަކީ ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ހިލާފަށް، ހުދުމުހުތާރުކަމާއެކު ނެގި ވޯޓެއް ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ކޮންގްރެސްގެ ތެރޭގައި ވެސް ރައީސް މުއިއްޒަށް ޓިކެޓު ދޭން ބޭނުން ނުވާ އެތައް ބަޔަކު ތިބިއިރު، ސިއްރު ވޯޓެއް ނެގި ނަމަ އެ ޓިކެޓު ރައީސް މުއިއްޒަށް ލިބިވަޑައިނުގަތީސް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްގައި ވޯޓު ނެގީ މެންބަރުން އަތް ހިއްލައިގެން ކަމަށާއި، އެއީ ވޯޓުލާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. ވޯޓުލީ ވަގުތު ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިއުމުގެ ސަބަބުން، ވަޒީފާގެ ބިރަށްޓަކައި އެތައް ބަޔަކު މަޖުބޫރުވެގެން އަތް ހިއްލައިގެން ތިބި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި ވޯޓެއް ނެގުމަށްވުރެ އެއްވެސް ވޯޓަކާ ނުލައި އެކަން ނިންމާލި ނަމަ މާ ރަނގަޅުވީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ މި އަމަލުތަކުން ފެންނަނީ އެ ޕާޓީގެ ތެރޭގައި އޮތް ހުދުމުހުތާރުކަން ކަމަށާއި، ޕާޓީއަށް މެންބަރުން އިތުރުކުރަމުން ދަނީ ވެސް ހަމަ މިފަދަ ނުރަނގަޅު އުސޫލުތަކެއްގެ ތެރެއިން ކަމަށް އަހުމަދު ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި، ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދިނުމަށް ހުށަހެޅި ގަރާރު ވަނީ އެތަނުގައި ތިބި 1119 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...