Aanmu

ވެރިކަމުގެ ދެބައި ފާއިތުވެދިޔައިރު ވެސް ޒަރޫރީ ބޭސް ނުލިބޭ މައްސަލަ ހައްލު ނުކުރެވުނުކަން މުއިއްޒު ގަބޫލުކުރައްވައިފި

ޝަފްރާޒް ނައީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގެ ދެބައި ފާއިތުވެގެން ދިޔައިރު ވެސް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްތައް ނުލިބުމުގެ ބޮޑު މައްސަލައަށް ހައްލެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެއްޖެ އެވެ. މިކަން ހާމަވެގެން ދިޔައީ ރައީސް އޮފީހުން ރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ރައީސްގެ އަރިހުގައި އެކަން ކަށަވަރުކޮށްދީ، އެކަމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ބަންޑުންކޮށްލުމުންނެވެ.

އެ ޕްރޮގްރާމުގައި ވާހަކަދެއްކި ރައްޔިތަކު ފާހަގަކުރި ގޮތުގައި، އޭނާގެ އަންހެނުންނަށް ބޭނުންވާ ނާރުގެ ބޭސްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަނީ އިންތިހާއަށް ދަތިވެފަ އެވެ. އެތައް މަހެއް ވަންދެން ބޭސް ނުލިބި، އެންމެ ފަހުން ރަހުމަތްތެރިއަކު މެދުވެރިކޮށް އިންޑިއާ އިން ބޭސް ގެންނަން ޖެހުނު ހިތްދަތި ވާހަކަ އޭނާ ރައީސްގެ ކުރިފުޅުމަތީގައި ކިޔައިދިނެވެ. އަދި ވެރިކަމުގެ ދައުރުގެ ބޮޑު ބައެއް ހޭދަވެގެން ދިޔައިރު ވެސް، އަސާސީ ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައި ނެތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.

މި ޝަކުވާތައް އަޑުއެއްސެވުމަށްފަހު، ޒަރޫރީ ބޭސް ނުލިބުމުގެ މައްސަލަ ހައްލު ނުކުރެވި އޮތްކަން ރައީސް މުއިއްޒު ވަނީ ގަބޫލުކުރައްވައިފަ އެވެ. އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވައި، ހަމައެކަނި "ގަބޫލުކުރައްވާ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މި ބޮޑު މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ނަމަވެސް، ވެރިކަމުގެ ދެބައި ހޭދަވިއިރު ވެސް އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ރައީސް މުއިއްޒުގެ ފަރާތަކުން ބޭސްފަރުވާ އާއި، އަދި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...