Aanmu

ރައީސް މުއިއްޒުގެ އަމަލުތަކުން ފެންނަނީ އިންސެކިއުރިޓީ، އެއީ ދެމޫނުގެ ވެރިއެއް: ރައީސް ޔާމީން

ޝަފްރާޒް ނައީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ތިމަންނައަކީ ދޮގުހަދާ މީހެއް ނޫން ކަމަށާއި މުނާފިގެއް ނޫން ކަމަށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ބޮޑު އިންސެކިއުރިޓީއެއްގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން އެއްވެސް ރައީސަކު އަމިއްލަފުޅަށް ޕޯޑިއަމްތަކަށް އަރާވަޑައިގެން އެފަދަ ވާހަކަތައް ދައްކަވާފައި ނުވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވާހަކަތަކުން ހާމަވަނީ ރައީސް މުއިއްޒުގެ ދެމޫނުގެ ސިޔާސަތާއި، ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ ހަގީގީ ސޫރަ ހާމަވަމުންދާ ކަމެވެ.

ސަރުކާރުގެ ދެއްކުންތެރި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާމީ އަގީދާ ވަރުގަދަ ކުރުމަކީ ހަމައެކަނި ދީނީ ޝިއާރުތަކުގެ ބޯޑުތަކާއި ޒިކުރު ބޯޑުތައް ގިނަކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަމުގައި ހުންނަ ބޭފުޅަކު ދައްކަވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން މިހާރު ރައްޔިތުންނަށް ދެނެގަނެވޭނެ ކަމަށާއި، ރައީސަކު ރައްޔިތުންނާ މުޚާތަބު ކުރައްވާއިރު ދޮގު ނުހައްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާން ޖެހިވަޑައިގަތުމަކީ ވެސް އެ މަގާމުގެ ގަދަރާ އެކަށީގެންވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ވެރިކަން ކުރާ ފަރާތްތަކުގެ ހަގީގީ ސިފަތައް ރައްޔިތުންނަށް މިހާރު ފެންނަމުންދާ ކަމަށެވެ. އަދި މާތްﷲ މިންވަރު ކުރައްވަނީ އެފަދަ ވެރިންގެ ހަގީގަތް ރައްޔިތުންނަށް އަވަހަށް ހާމަވެގެން ދިއުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...