Aanmu

ބޭރުގެ އެޖެންސީތަކުން ޓީޖީއެސްޓީ ނަގަން ފެށުމުން ރާއްޖެއަށް ގެއްލުން ވާނީ ކިހާ މިންވަރަކަށްތޯ ބެލުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

ޝަފްރާޒް ނައީމް

ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެންނަ، "ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް" އުސޫލުތަކާ ގުޅިގެން ސިނާއަތުގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެއްޖެ އެވެ. އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ހާއްސަ ސަރވޭއެއް ފަށައިފި އެވެ. މި ސަރވޭގެ މައިގަނޑު މަގުސަދަކީ ޓެކްސްގެ އާ އުސޫލުތަކުގެ ސަބަބުން ޚިދުމަތްތަކުގެ އަގަށާއި، ބުކިންތަކަށާއި އަދި ވިޔަފާރީގެ ފައިދާއަށް ކުރާނެ އަސަރުތައް ހެކިތަކާއެކު ދެނެގަނެ، ސަރުކާރަށް ފާޑުކިޔުންތަކާއި ލަފާތައް ހުށަހެޅުން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ނަމަވެސް، ސިނާއަތުގެ ގިނަ ފަރާތްތަކަކުން އަންނަނީ މިކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރަމުންނެވެ. މަޓާޓޯއިން ފެށި މި ސަރވޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އެއާލައިންތަކުން ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ދިރާސާގެ މައުލޫމާތުތަކުގެ އަލީގައި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރަށް ބޭނުންވާ އިރުޝާދު ދިނުމަށް މަޓާޓޯއިން ވަނީ ނިންމާފަ އެވެ.

ސަރުކާރުން މި ބަދަލުތައް ގެނެސްފައިވަނީ ވިޔަފާރިތަކުގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރުމެއް ނެތި ކަމަށް ސިނާއަތުގެ ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. ހާއްސަކޮށް، ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަން ދަށްވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މި ސަރވޭގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތަކަށް ޖަވާބުދާރީ ކުރުވުން ކަމަށް މައުލޫމާތު ލިބެ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...