Aanmu

ޒަރޫރީ މުދަލަށް ދަތިކަމެއް ނެތް، ދަރަނި ދައްކަނީ ރޭވުންތެރިކަމާއެކު: ފިނޭންސް މިނިސްޓަރު

ޝަފްރާޒް ނައީމް

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސަރުކާރުން ދަރަނިތައް އަދާކުރަމުންދަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން 2019 ވަނަ އަހަރުގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކައި، އެ ދަރަނި މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ވެސް ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން ކަމަށާއި، އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ދަރަނި އަދާކުރުމަކީ އިގުތިސާދަށް އޭގެ އަސަރުކުރާނެ ކަމެއް ކަމަށެވެ. ނަމަވެސް، ސަރުކާރުން ދެމިއޮތީ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނިތައް ބެލެހެއްޓުމުގައި ކާމިޔާބު ފިޔަވަޅުތަކެއް އެޅުމުގެ މަގުމަތީގަ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...