Aanmu

ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން މި މަހުގެ 29 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ

ޝަފްރާޒް ނައީމް

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ ޝަރީއަތް، މަތީ ކޯޓުތަކުގެ ނިންމުންތަކާ އެއްގޮތަށް އަލުން ފެށުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެ އެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:15 އަށް ކޯޓަށް ހާޒިރުވުމަށް އެމަނިކުފާނަށް ވަނީ ޗިޓު ފޮނުވާފަ އެވެ. މިއީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ، ދަށު ކޯޓުން ޝަރީއަތް ކުރިއަށް ގެންދިޔައިރު ދައުލަތުން ފަހުން ހުށަހެޅި އައު ހެކިތައް ބަލައިގަނެގެން ނުވާނެ ކަމަށެވެ. އެ އައު ހެކިތަކަކީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދަށު ކޯޓުން ބޭނުންކުރި މައިގަނޑު ހެކިތައް ކަމަށްވާއިރު، މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ވެސް ވަނީ ހައިކޯޓުގެ އެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ސަރުކާރުގެ މި ދައުވާތަކާ ގުޅިގެން މިހާރު ކުރިއަށްދާ ޝަރީއަތުގެ މަރުހަލާގައި، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ނުހިމަނައި މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ސިޔާސީ މަސްރަހުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި މައްސަލައަކީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެންމެ ބޮޑު އެއް ދައުވާކަން ފާހަގަކޮށްލެވެ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...