ފާއިތުވި 2 އަހަރުތެރޭ، ސަރުކާރުން ނަގާ ލޯނު ތައް ގިނަވެ އެތެރޭގެ ދަރަނި އިންތިހާއަށް މައްޗަށް

ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގެ ބޭރު ދަރަނި ހަތަރު ބިލިއަން ޑޮލަރުން 3.5 ބިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މި ދަރަނިތައް ދެއްކުމަށް 983 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުން ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، މި ސަރުކާރުން އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެ އެވެ. މި ބޮޑު ހަރަދާއެކު ސީދާ ބޭރު ދަރަނި 2.3 ބިލިއަން ޑޮލަރަށް، އަދި ގެރެންޓީ ދީފައިވާ ދަރަނި 1.2 ބިލިއަން ޑޮލަރަށް ތިރިވެފައިވެ އެވެ.
ނަމަވެސް، ބޭރު ދަރަނި ދަށްކުރަން ކުރި މަސައްކަތާ އެއްވަރަށް އެތެރޭގެ ދަރަނި ކޮންޓްރޯލް ނުކުރެވޭކަން ތަފާސްހިސާބުތަކުން ސާފުކޮށް ފެންނަން އެބަހުއްޓެވެ. މި ސަރުކާރުގެ ދެ އަހަރާ ބައިގެ މުއްދަތުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 23.6 ބިލިއަން ރުފިޔާ އިތުރުވެ، 97.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ބޭރު ދަރަނިން ބޮޑު ބައެއް އަނބުރާ ދެއްކި ނަމަވެސް، އެތެރޭގެ ދަރަނި މަތިވުމުގެ ސަބަބުން ޖުމްލަ ދަރަނިން މަދުވީ އެންމެ 2.2 ބިލިއަން ރުފިޔާ އެވެ. މިހާރު ދައުލަތުގެ ޖުމްލަ ދަރަނި 152.7 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން 122.7 ޕަސެންޓެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 123.6 ޕަސެންޓުގަ އެވެ. މި އަދަދުތަކުން ސާބިތުވަނީ، ބޭރު ދަރަނި ދައްކަން ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް، މުޅި އިގުތިސޯދުގެ ދަރަނީގެ ބުރަން އެއްވެސް ވަރަކަށް ލުއިނުވާ ކަމެވެ. އިގުތިސޯދީ މާހިރުން ފާހަގަކުރާ ގޮތުގައި، އެތެރޭގެ ދަރަނި މިހާ ބާރުމިނުގައި އިތުރުވަމުން ދިއުމަކީ ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...