ޕީއެންއެފްގެ މެންބަރުންގެ ސޮއި ފޯޖުކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންނަށް އެނގުމަކާ ނުލައި، އެމީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އަދި ސޮއި ފޯޖުކޮށްގެން އެހެން ޕާޓީތަކަށް ބަދަލުކުރި މައްސަލައިގައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ހުށަހެޅި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރަސްމީކޮށް ބަލައިގެންފި އެވެ. ޕީއެންއެފުން ތުހުމަތުކުރާ ގޮތުގައި މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަނެ، ހިންގާފައިވާ ބޮޑު "އައިޑެންޓިޓީ ތެފްޓް" ނުވަތަ ޖިނާއީ ޖަރީމާއެކެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި އިންތިޚާބީ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާއެއްގެ ވެރިޔާ، މިފަދަ އަމަލުތަކެއް ހިންގުމުގައި ބައިވެރިވުމަކީ ނުވަތަ ފަރުވާކުޑަކުރުމަކީ ޑިމޮކްރެޓިކް ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ. އަދި މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމަ މިނިވަންކަމާއެކު ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.
މި މައްސަލަ ފުލުހުން ބަލައިގެންފައިވާކަން ޔަގީންވެފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...