ސްޓެލްކޯގެ ބިލުތަކުގައި "އޮޅުވާލުން" ބޮޑު: 17،000 ރުފިޔާގެ ބިލު 1000 އަށް ކުޑަކޮށްދީފި

މާލޭގެ ގޭބިސީތަކަށް އަންނަ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވަނިކޮށް، ސްޓެލްކޯއިން ބިލުތައް ހަދާފައިވާ ގޮތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ. ޝަކުވާކުރުމުން އެތައް ހާސް ރުފިޔާއެއްގެ ބިލުތައް ކުއްލިއަކަށް ބޮޑުތަނުން ކުޑަކޮށްދެމުންދާތީ، ސަރުކާރުގެ މި ކުންފުނީގެ ހިންގުމާމެދު އާންމުން ދަނީ ފާޑުކިޔަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި، 17،643 ރުފިޔާގެ ބިލެއް 1000 ރުފިޔާއަށް އަދި 12،998 ރުފިޔާގެ ބިލެއް 657 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ.
މިކަމާ ގުޅިގެން ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، ސްޓެލްކޯއިން ގަސްތުގައި ކަރަންޓު ބިލުތައް އުފުލައި، ރައްޔިތުންގެ ޖީބަށް އަތްބޭނުމަށްފަހު، ޝަކުވާ ކުރުމުން އެކަންކަން ރަނގަޅުކޮށްދެނީ ވެރިކަން ކުރާ ޕީއެންސީގެ ސަރުކާރުން ކަންކަން މެނޭޖްކުރަން ނޭނގޭތީއެވެ. މީގެ ކުރިން ސްޓެލްކޯގެ އިސްވެރިން މިކަން ދިފާއުކޮށް ވާހަކަ ދައްކާފައިވީ ނަމަވެސް، މިހާ ބޮޑު ތަފާތެއް ބިލުތަކުން ފެނުމަކީ ނިޒާމީ މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން މިހާ ދޯދިޔާވެ، ރައްޔިތުންނަށް ކުއްލި ސިހުން ލިބޭ ފަދަ ބޮޑެތި ބިލުތައް ފޮނުވަމުންދާއިރު، މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުން ދަނީ ހޫނުމިން މައްޗަށް ދިއުން ފަދަ އުޒުރުތައް ދައްކައި، ޒިންމާތަކުން ރެކެމުންނެވެ. މިއީ ރައްޔިތުންގެ އާމްދަނީއަށް ނުބަލައި، ސިޔާސީ މަގުސަދުތަކެއް ހާސިލުކުރަން ކުރާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...