ރައީސް މުއިއްޒުގެ ވައުދު ފުއްދާ ކަމަށް ވިދާޅުވެ 2028 ގެ ޓިކެޓް އެރުވުމަށް ފަލާހު ތާޢީދު ކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދުތަކަކަށް ނަހައްދަވައި، އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ. ޕީއެންސީގެ ކޮންގްރެސްގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ރައީސް މުއިއްޒަށް އެރުވުމަށް ހުށަހެޅި ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ރައްޔިތުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ފިޔަވަޅުކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ތަމްސީލުކުރާ 73 މެންބަރުންނަކީ ރާއްޖޭގެ 80 އިންސައްތަ ރައްޔިތުންގެ ތާއީދު އޮތް ބައެއް ކަމަށާއި، އެ މެންބަރުންގެ ފަރާތުން ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓް އެރުވުމަށް "ލޮލުން ބޮލުން ހިތުން" އެދޭ ކަމަށެވެ. 2023 ވަނަ އަހަރު ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީން ނެރުނު ކެންޑިޑޭޓަކީ އެންމެ ގާބިލު ބޭފުޅާކަން ރައްޔިތުން ގަބޫލުކޮށް، މި ގަރާރަށް މުޅި ޕާޓީގެ ފުރިހަމަ ތާއީދު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ވައުދުތަކާ ގުޅޭގޮތުން ފަލާހު މިފަދައިން ވިދާޅުވި ނަމަވެސް، ސަރުކާރުން ވައުދުތައް ނުފުއްދައި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާތީ އާންމުންގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް، ކުރީގެ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓި، ބައެއް ތަންތަން ޖަންގައްޔަށް ބަދަލުވެފައިވާއިރު، ވައުދުތައް ނުފުއްދައި ރައްޔިތުންނަށް އޮޅުވާލާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...