ރާއްޖެ އިނދަޖެހުމުގެ ބިރު: އިގުތިސާދީ ކާރިސާއެއްގެ އިންޒާރު އެމްޑީޕީން ސަރުކާރަށް ދީފި

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސް، ބޭރުގެ މާލީ އިލްތިޒާމްތައް ފުއްދުމުގައި މި ސަރުކާރުގެ ނާގާބިލުކަން ހާމަވެފައިވާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ ޕާޓީން ބުނާ ގޮތުގައި، ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތައް ބަނގުރޫޓުވުމުގެ މަގުމަތީގައިވާއިރު، އިންވެސްޓަރުންގެ އިތުބާރު ގެއްލި މުޅި އިގުތިސާދު އިނދަޖެހުމުގެ ބިރު ބޮޑުވެފައިވެ އެވެ.
މާލީ ހާލަތު ބަޔާންކޮށް އެމްޑީޕީން ފާހަގަކުރި ގޮތުގައި، ސެޕްޓެމްބަރު 17 ގައި ދައްކަންޖެހޭ އެސްބީއައިގެ 50 މިލިއަން ޑޮލަރުގެ ޓީބިލް ފެސިލިޓީއާއި، މުއްދަތު ހަމަވެފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ފަދަ ބޮޑެތި ދަރަނިތައް ދެއްކުމަށްޓަކައި އެތެރޭގެ ބާޒާރުން ޑޮލަރު ހުސްކުރުމުގެ ނަތީޖާއަކަށްވީ ރިޒާވް 718 މިލިއަން ޑޮލަރަށް ވެއްޓުމެވެ. މިއާއެކު، ކުރު މުއްދަތުގެ ދަރަނިތައް ކެނޑުމުން ބޭނުންކުރެވޭނެ ރިޒާވް ހުރީ އެންމެ 9 ދުވަހާއި ދެ ހަފްތާއާ ދެމެދުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.
ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުކިޔަމުން އެމްޑީޕީން ބުނީ، ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާއި، ޓީޖީއެސްޓީގެ އާ އުސޫލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުން ރާއްޖެ އިޝްތިހާރުކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި މަނީ ޗޭންޖަރުންނަށް ހަރުކަށި ފިޔަވަޅު އަޅައި ޑޮލަރުގެ އަގު މަސްނޫއީ ގޮތެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...