ދަރަނި ދެއްކިޔަސް އަސާސީ މުދާ އެތެރެކުރަން ދައްޗެއް ނެތް: ސަރުކާރުގެ ޔަގީންކަން

އިންޑިއާގެ ސްޓޭޓް ބޭންކް (އެސްބީއައި) އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ރިޒާވްގައި ތެލާއި ބޭހާއި ކާޑު އެތެރެކުރާނެ ފައިސާ ނުހުންނާނެ ކަމަށް ވިދާޅުވެފައިވަނިކޮށް، ސަރުކާރުން ބުނީ އަސާސީ މުދާ އެތެރެކުރުމަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފިނޭންސުން ވަނީ ސިފަކޮށްފަ އެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތެލާއި ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ ތަކެތި އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދަރަނި އަދާކުރުމަށް ދުރާލާ ތައްޔާރުވެ، ކަނޑައެޅިފައިވާ ތާރީހުތަކަށް ދަރަނި ދައްކަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ޔަގީންކަން ދިނެވެ.
ރިޒާވް އިތުރަށް ވަރުގަދަ ކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެހީދޭ ޖަމާއަތްތަކާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވެސް ފިނޭންސުން ބުނެ އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި 643 މިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހުރިކަން ފާހަގަކުރެވެ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...