Aanmu

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ގަރާރެއް ހުށަހަޅައިފި!

ޝަފްރާޒް ނައީމް
Featured image

ޕީއެންސީގެ މަތީ މަޖިލީހަށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް ގަރާރެއް ހުށަހަޅައިފި އެވެ. ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ގަރާރުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމީ ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތައް ފާހަގަކޮށްފައިވެ އެވެ. ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްތަކަކީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.‏

ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަނިކޮށް މިފަދަ ގަރާރެއް ހުށަހެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. މީގެ އިތުރުން، ބޭންކުތަކުން ޑޮލަރު ލިބުމުގެ ދަތިކަމާއި، ސިއްހީ ނިޒާމުގެ ތެރެއިން ޒަރޫރީ ބޭސް ނުލިބުމުގެ މައްސަލަތަކުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަން ފާހަގަކުރެވެ އެވެ.‏

މި ފިޔަވަޅަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް އޮތް ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު، މިއީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް ޕީއެންސީން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބެލެވެ އެވެ. ނަމަވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ ލީޑަޝިޕުން މިފަދަ ނިންމުމެއް ނިންމަން އުޅުމަކީ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.‏

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...