އެސްބީއައި ބޮންޑުގެ ބާކީ ދަރަނި ހަލާސްކޮށްފި: އިޤްތިޞާދީ ހާލަތާމެދު ސިޔާސީ ފާޑުކިޔުންތައް އަމާޒުވެއްޖެ

ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލުތަކުގެ ތެރެއިން، ދައްކަން ބާކީ އޮތް 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފި އެވެ. މިކަން ހާމަކުރެއްވީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ. ސަރުކާރުގެ ރަސްމީ އިދާރާތަކުން މިކަމާ ގުޅޭ ތަފްސީލީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، މި ދަރަނި ދައްކާފައި މިވަނީ ގައުމުގެ މާލީ ހާލަތާމެދު ސިޔާސީ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ސަރުކާރުން އިސްކަންދެމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ބޭރުގެ ދަރަނިތައް ދެއްކުމަށް އިސްކަންދޭއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތެލާއި ބޭހާއި ކާޑު ފަދަ ތަކެތި ގަތުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުތައް ސިޔާސީ މަސްރަހުގައި ދަނީ ގުގުމަމުންނެވެ. މި ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދި ނަމަވެސް، އޭގެ ފައިދާ ރައްޔިތުންނަށް ނުފެންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިގްތިސާދީ މެނޭޖްމަންޓާ މެދު ސުވާލު އުފައްދަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން މި ދަރަނި ދެއްކުމަކީ މާލީ ގޮތުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕީއެންސީން ސިފަކުރި ނަމަވެސް، ސިޔާސީ މައިދާނުގައި މިކަމުގެ ސަބަބުން ސަރުކާރަށް އިތުރު ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ދަރަނިތައް އަދާކުރަމުން ދިޔަ ނަމަވެސް، ގައުމުގެ އިގްތިސާދީ މިސްރާބާމެދު އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ފިލުވައިދިނުމަކީ މި ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...