ބަޖެޓުގެ 95 އިންސައްތަ ސަރުކާރުން ބޭނުންކުރާއިރު، ކައުންސިލުތަކުގެ 5 އިންސައްތައިން ކުރެވޭ ވަރުގެ މަސައްކަތެއް ވެސް ސަރުކާރަށް ނުކުރެވޭ: އާޒިމް

ސަރުކާރުން ބޭކާރު ޚަރަދުތައް އިތުރުކޮށް، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާއިރު، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް މުޅިން ހުއްޓިފައިވާތީ މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. މީޑިއާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ 95 އިންސައްތަ ސަރުކާރުގެ އަތްމަތީގައި އޮތްއިރު، ކައުންސިލުތަކަށް ލިބޭ އެންމެ 5 އިންސައްތައިން ކުރެވޭ ވަރުގެ މަސައްކަތެއް ވެސް ސަރުކާރަށް ނުކުރެވޭ ކަމަށެވެ. މިއަދު ރާއްޖޭގެ އެއްވެސް ރަށެއްގައި އެކަށީގެންވާ މަޝްރޫއެއް ނުހިނގާ ކަމަށާއި، މިހާރު ހިނގަމުންދާ ކުދިކުދި މަސައްކަތްތަކަކީ ވެސް ކައުންސިލުތަކުގެ ކުޑަ ބަޖެޓުން ކުރަމުން އަންނަ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރާހާ ވެސް ކަމަކީ ކުއްލިއަކަށް އައު ސިޔާސަތުތައް ތައާރަފުކޮށް ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށާއި، އެކަމުގެ ނަތީޖާއަކީ ރައްޔިތުން ބިކަވެ، ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. މަސައްކަތެއް ނުކުރެވޭ ހިނދު، އެކަމުގެ ބަދުނާމު އަބަދުވެސް އެހެން ބައެއްގެ ބޮލުގައި އެޅުވުމަކީ މި ސަރުކާރުގެ އާދައެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ބުނި ނަމަވެސް، ހަގީގަތަކީ ރަށްރަށުގައި ހުރި އެތައް މަޝްރޫއެއް ހުއްޓިފައިވުން ކަމަށް މައުލޫމާތު ލިބެ އެވެ. މާލެ ސިޓީ ކައުންސިލުން ވެސް ލިބޭ މަދު ބަޖެޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ހުއްޓި، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވާ ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...