Aanmu

ޢަބްދުﷲ ޝާހިދު 200 އެއްހާ ސަޕޯޓަރުންނާއި އެއްފަހަރާ ބައްދަލު ކުރައްވައި ކެމްޕޭން އިތުރަށް ފުޅާކުރައްވައިފި

އަލީ އާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށްގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވަވައި ކެމްޕޭން ހަރަކާތްތައް އިތުރަށް ފުޅާކުރައްވައިފިއެވެ.

ރޭ ބޭއްވި މި ބައްދަލުވުމުގައި ޝާހިދަށް ތާއީދުކުރާ 200 އެއްހާ ސަޕޯޓަރުން އެއްފަހަރާ ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ، ޤައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، މާލީ އަދި ޚާރިޖީ ދަތިތަކަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޝާހިދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތަކާއި ވިއްކި ސިޔާސަތުތައް ދޫކޮށްލުމުގެ ސަބަބުން ސަރުކާރުގެ ޞައްޙަކަން (ލެޖިޓިމަސީ) ގެއްލިފައިވާ ކަމަށެވެ. އަދި ޤައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް ޤައުމުދެކެ ލޯބިވާ ގިނަ ބަޔަކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިހާރުގެ މަޖިލީހުގައި ތިއްބެވީ އެންމެ 13 މިނިވަން މެންބަރުން ކަމަށާއި، މިނިވަން ނޫސްވެރިކަމާއި ޑިމޮކްރެސީ އަލުން އިޔާދަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޝާހިދު ދެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުން އެދޭފަދަ ޙަޤީޤީ ބޯހިޔާވަހިކަމާއި، ފުރިހަމަ ބޭސްފަރުވާގެ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ވެފައިވާ ވައުދު މި މުނާސަބަތުގައިވެސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...