އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކާފައި، އަސާސީ ބޭނުންތަކަށް ފައިސާ ނުހުންނާނެ: ނަޝީދު

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑުގެ ފައިސާ މާދަމާގެ ކުރިން ދެއްކުމުން، ދައުލަތުގެ ރިޒާވް އިންތިހާއަށް ދަށަށް ގޮސް، ކާޑާއި ތެލާއި ބޭސް ފަދަ އަސާސީ ތަކެތި ގަންނަން ބޭނުންވާ ފައިސާ ސަރުކާރުގެ އަތުގައި ނުހުންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މި ފައިސާ ދެއްކުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑުތަނުން ދަށްވެ، ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ.
މި ފައިސާއަކީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ބަޖެޓު ސަޕޯޓުގެ ގޮތުގައި އެސްބީއައިއަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލުތަކަށް ދައްކަންޖެހޭ އެންމެ ފަހު ޕޭމަންޓެވެ. މި ސަރުކާރުން މީގެ ކުރިން ވެސް 100 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކާފައިވާއިރު، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ހުރީ 200.6 މިލިއަން ޑޮލަރުގަ އެވެ.
މި 50 މިލިއަން ޑޮލަރު ދެއްކުމުން ބޭނުންކުރެވޭ ރިޒާވްގައި ބާކީ ހުންނާނީ 150 މިލިއަން ޑޮލަރު ކަމަށްވާއިރު، އޭގެ ތެރެއިން ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު އުނިކުރުމުން، އަސްލު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ބާކީ އޮންނާނީ އެންމެ 29 މިލިއަން ޑޮލަރު ކަމަށް މައުލޫމާތު ލިބެ އެވެ. ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ މާލީ ހާލަތު މިފަދަ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ކުރިމަތިވެދާނެ ދަތިތަކާމެދު ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...