ޑޮލަރު މާރުކުރުމާއި ޓެކްސްގެ ބަދަލުތައް އަނބުރާ ގެންދަން ސަރުކާރަށް ގޮވާލައިފި

ސަރުކާރުން ގެންނަން ނިންމާފައިވާ އިގްތިސާދީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު 'ޑެސްޓިނޭޝަން ފިއުޗާ' އިން ދީފި އެވެ. އަންނަ މަހުން ފެށިގެން ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް ބޮޑުކުރުމަށާއި، 'ޑެސްޓިނޭޝަން ޕްރިންސިޕަލް'ގެ ދަށުން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ސަރުކާރަށް ހުށަހެޅި ކަރުދާހެއްގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލުތަކަކީ މިހާރު ފަތުރުވެރިކަމުގެ ސިނާއަތް އޮތް ހާލަތާ މުޅިން ނުބައްދަލު، ދުރުވިސްނުމެއް ނެތި ގެންނަ ބަދަލުތަކެކެވެ. ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަމާޒުކޮށް ހުށަހެޅި މި ކަރުދާހުގައި، ރިސޯޓުތަކަށް ކުރިމަތިވެފައިވާ އޮކިއުޕަންސީ ދަށްވުމުގެ މައްސަލައާއި، ބޭރުގެ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާއި އަދި މި ބަދަލުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނޭހެން މުހިންމު ހަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
އިގްތިސާދީ މި ފިޔަވަޅުތަކަކީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ސިނާއަތްތަކަށް ކުރިމަތިވަމުންދާ އިތުރު ފިއްތުންތަކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ނުދީ، މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނަމަ، ގައުމުގެ އިގްތިސާދީ ހަމަޖެހުން ގެއްލި، ފަތުރުވެރިންގެ އިތުބާރު ކުޑަވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މައުލޫމާތު ލިބެ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...